quranm◉

ޞަފްޙާ 423

Range
from 33:36 to 33:43
Surahs covered
ތަރުޖަމާ
8 ތަރުޖަމާ

◉

33:36

وَمَا كَانَ لِمُؤۡمِنٖ وَلَا مُؤۡمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمۡرًا أَن يَكُونَ لَهُمُ ٱلۡخِيَرَةُ مِنۡ أَمۡرِهِمۡۗ وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ فَقَدۡ ضَلَّ ضَلَٰلٗا مُّبِينٗا ﴿36﴾

އަދި مُؤمن ފިރިހެނަކަށްވިޔަސް އަދި مُؤمن އަންހެނަކަށްވިޔަސް ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާއާ އެބައިމީހުންގެ ކަމާއިމެދު ގޮތެއް ނިޔާކުރައްވައި ހަމަޖައްސަވައިފިއްޔާ ދެން އެބައިމީހުން އެކަމުގައި ގޮތްކިޔުމަކީ އެއްގޮތަކަށްވެސް އެމީހުންނަށް އިޚްތިޔާރެއް އޮތްކަމެއްނޫނެވެ. ހުއްދަކަމެއްނޫނެވެ. (ގޮތް ކިޔުމަކީ އެއީ ﷲ ތަޢާލާ އާއި ރަސޫލާއަށް އުރެދުމެކެވެ.) އަދި ﷲ ތަޢާލާ އާއި ރަސޫލާއަށް އުރެދޭ މީހާ ދަންނައެވެ. ހަމަކަށަވަރުން އެމީހާ ބަޔާންވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެއެވެ.

33:37

وَإِذۡ تَقُولُ لِلَّذِيٓ أَنۡعَمَ ٱللَّهُ عَلَيۡهِ وَأَنۡعَمۡتَ عَلَيۡهِ أَمۡسِكۡ عَلَيۡكَ زَوۡجَكَ وَٱتَّقِ ٱللَّهَ وَتُخۡفِي فِي نَفۡسِكَ مَا ٱللَّهُ مُبۡدِيهِ وَتَخۡشَى ٱلنَّاسَ وَٱللَّهُ أَحَقُّ أَن تَخۡشَىٰهُۖ فَلَمَّا قَضَىٰ زَيۡدٞ مِّنۡهَا وَطَرٗا زَوَّجۡنَٰكَهَا لِكَيۡ لَا يَكُونَ عَلَى ٱلۡمُؤۡمِنِينَ حَرَجٞ فِيٓ أَزۡوَٰجِ أَدۡعِيَآئِهِمۡ إِذَا قَضَوۡاْ مِنۡهُنَّ وَطَرٗاۚ وَكَانَ أَمۡرُ ٱللَّهِ مَفۡعُولٗا ﴿37﴾

(އޭ رسول الله އެވެ!) ﷲ އެމީހަކަށް نعمة ލެއްވި އަދި ކަލޭގެފާނުވެސް އެމީހަކަށް نعمة ލެއްވި މީހާއަށް "ކަލޭ ކަލޭގެ އަންހެނުން (ވަރިނުކޮށް) ހިފަހައްޓާށޭ" މިހެން ވިދާޅުވި ހިނދު ހަނދުމަފުޅުކުރައްވާށެވެ! (މިމީހަކީ زيد بن حارثة އެވެ. އެއީ إسلام دين އައުމުގެ ކުރިން رسول لله ﷺ ގެންގުޅުއްވާ އަޅެކެވެ. ފަހުން އެކަލޭގެފާނުންގެ ދަރިއަކަށް ހައްދަވައިގެން ގެންގުޅުވީއެވެ. ކުރީ އޮތް قواعد ން ވިއްޔާ އެގޮތަށް ދަރިއަކަށް ހެއްދެވީމާ އުފަންދަރިއެކޭ އެއްގޮތަށް ވާރުތަވެސްވާނެއެވެ. ދެން މިއާޔަތުގައި ﷲ އެމީހަކަށް نعمة ލެއްވިމީހާ އޮތީ އިސްލާމްދީންގެ هداية ﷲ އޭނާއަށް ދެއްވިވާހަކައެވެ. އަދި رسول الله ﷺ نعمة ލެއްވިކަމަށް އޮތް ބަސްފުޅުގެ މުރާދަކީ އެކަލޭގެފާނު އެ زيد މިނިވަން ކުރެއްވި ވާހަކައެވެ. ދެން މިއާޔަތުން ﷲ އެދިވޮޑިގެންފައިވަނީ އެގޮތަށް އެހެން މީހެއްގެ ދަރިއެއް ތިމާގެ ދަރިއެއްކަމުގައި ހަދައި ތިމާގެނަމަށް ނިސްބަތްކުރުމުގެ މައްސަލަ باطل ކުރެއްވުމެވެ. އެހެންވެ زيد ގެފާނު ކައިވެނި ބައްލަވައި ގެންނެވި زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ އާއި ﷲ ކާވެނިކޮށްދެއްވީއެވެ. އިސްލާލު ދީނުގައި ތިމާގެ އުފަންދަރިއަކު ކައިވެނިކުރި އަންހެނަކާ ބައްޕަ އިނުން ހުއްދައެއްނުވާނެއެވެ. زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ އާއި ﷲ ކާވެނިކޮށްދެއްވީމާ އެގޮތަށް ކުރާ ދަރިވަންތަކަން ކެންސަލްވީއެވެ. އަދި އެޔާބެހޭ ވާހަކަ އާޔަތުގެ ފަހުބައިގައިވެސް އެބައާދެއެވެ. والله أعلم) زيد ގެފާނު އެކަމަނާ ވަރިކުރެއްވުމުގެ ކުރިން ﷲ ވަނީ رسول الله ﷺ އަށް އެކަން އަންގަވައިދެއްވަފައެވެ. زيد އެކަމަނާ ވަރިކުރެއްވީމާ އެކަމަނާ ކަލޭގެފާނާ ދެވާނެކަން އަންގަވައިދެއްވިއެވެ. އެހެންވެ زيد ގެފާނު އެކަމަނާ ވަރިކުރައްވާނެ ވާހަކަ رسول الله ﷺ އަށް ދެންނެވީމާ زيد ގެފާނާ ދިމާއަށް އެކަމަނާ ވަރިނުކުރައްވައި ހިފަހައްޓަވާށޭ ވިދާޅުވިއެވެ. زيد ގެފާނު ވަރިކުރެއްވީމާ އެކަމަނާއާއި رسول الله ﷺ އާއި ކާވެނި ވާނެކަން އޮތީ وحي ذريعة އިން އެނގިވަޑައިގެންފައެވެ. އެހެންވެ محمد ގެފާނު އެކަލޭގެފާނުންގެ ދަރިއަކު އިދެވަރިކުރި މީހަކާއި އިދެފިއޭ ކިޔައި މީހުން ވާހަކަ ދައްކާނެތީ زيد ގެފާނަށް ވަރިނުކުރައްވާން އެންގެވިކަމުގައިވެއެވެ. އެހުރިހާ ކަމެއް ﷲ ފައުޅުކުރައްވައި وحي ކުރައްވަނީއެވެ. ކަލޭގެފާނުންގެ ހިތްޕުޅުގައި ފޮރުވާފައިވާކަންތައް ﷲ ފައުޅުކުރައްވާނެއެވެ. އަދި ކަލޭގެފާނު މީސްތަކުންނަށް ބިރުފުޅުގެން ވަޑައިގަންނަވަނީއެވެ. ނަމަވެސް ﷲ އަށް ބިރުވެތިވުން މާ حق ކަން ބޮޑެވެ. ދެންފަހެ زيد ގެފާނުން އެކަމަނާގެ ފަރާތްޕުޅުން ބޭނުންފުޅު ނިމުމުން ތިމަންރަސްކަލާނގެ އެކަމަނާއާއި ކަލޭގެފާނާއި ކައިވެނިކޮށްދެއްވީމެވެ. (އެއީ ކައިވެނި ރަނެއް ولى ވެރި ހެކިންނެއް ނެތި ހަމައެކަނި ﷲ ކޮށްދެއްވި ކައިވެންޏެކެވެ.) އެކަންއެގޮތަށް ތިމަންރަސްކަލާނގެ ހެއްދެވީ مؤمن ން އެބައިމީހުން އެގޮތަށް ތިބި ދަރިންގެ އަނބީންގެ ފަރާތުން އެދަރިން ބޭނުންފުއްދައި ނިމުމަށްފަހު ވަރިކުރީމާ އެއަންހެނުނާ އެފިރިހެންކުދިންގެ ބަފައެއްކަމުގައި ބަލައިގެންއުޅުނު ފިރިހެން މީހާ އިނުމާމެދު އެއްވެސް ކުށެއް އަދި ދަތިކަމެއް ނުބޭއްވުމަށްޓަކައެވެ. ފަހެ އެއީ حلال ހުއްދަކަމެކެވެ. އަދި ﷲ ގެ އެބާވަތުގެ امر ފުޅުތަކަކީ تنفيذ ވެވޭނެކަމެކެވެ.

33:38

مَّا كَانَ عَلَى ٱلنَّبِيِّ مِنۡ حَرَجٖ فِيمَا فَرَضَ ٱللَّهُ لَهُۥۖ سُنَّةَ ٱللَّهِ فِي ٱلَّذِينَ خَلَوۡاْ مِن قَبۡلُۚ وَكَانَ أَمۡرُ ٱللَّهِ قَدَرٗا مَّقۡدُورًا ﴿38﴾

އަދި نبي އާ އަށްޓަކައި ﷲ އެކަމެއް فرض ކުރައްވައި ނިޔާކުރެއްވިކަމެއް ކުރުމަކީ نبي الله ﷺ ގެ މައްޗަށް ކުށެއް އަދި مسألة އެއް އޮތްކަމެއްނޫނެވެ. އެބާވަތުގެ ކަންކަމަކީ نبي ބޭކަލުންނާއިމެދު ﷲ ކަންތައް ގެންދަވާ قواعد އެވެ. އެއީ އެކަލާނގެ سنة އެވެ. އަދި ﷲ ގެ أمر ފުޅުތަކަކީ لوح المحفوظ ގައި މިންވަރު ކުރެވި ލިޔެވި ނިމިގެންވާ ކަންތައްކަމުގައިވިއެވެ.

33:39

ٱلَّذِينَ يُبَلِّغُونَ رِسَٰلَٰتِ ٱللَّهِ وَيَخۡشَوۡنَهُۥ وَلَا يَخۡشَوۡنَ أَحَدًا إِلَّا ٱللَّهَۗ وَكَفَىٰ بِٱللَّهِ حَسِيبٗا ﴿39﴾

ﷲ رسول ކަމާއިގެން ފޮނުއްވި މާތް رسول ބޭކަލުން ބިރުފުޅުގެންވަޑައިގަންނަވަނީ ހަމައެކަނި ﷲ އަށެވެ. އެކަލާނގެ ފިޔަވައި ހަމައެކަކަށްވެސް އެބޭކަލުން ބިރުފުޅުގެން ވަޑައިނުގަންނަވައެވެ. (އޭ رسول ﷲ އެވެ. ކަލޭގެފާނީވެސް އެފަދަ ބޭކަލެކެވެ. މީސްތަކުން ކިޔައިފާނޭ އެއްޗަކަށް ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމައެކަނި ﷲ އަށް ބިރުފުޅުގެ ވަޑައިގަންނަވާށެވެ.) އަދި ކަންތައްތައް ބަލަހައްޓަވާ ހިސާބުކުރައްވާ ފަރާތެއްކަމުގައި ﷲ ފުދިވޮޑިގެންވެއެވެ. * ދަންނައެވެ. زَيْنَبُ بِنْتِ جَحْشُ އާއި رسول الله ﷺ ކައިވެނި ކުރެއްވީމާ ބައެއް މީހުން ކިޔަންފެށީ محمد ގެ ފާނު އެކަލޭގެފާނުންގެ ދަރިއަކު އިން މީހަކާއި އިނދެފިއެވެ. މިކަމާގުޅިގެން މީގެ ފަހުގެ آية ބާވައިލެއްވިއެވެ. އެއާޔަތުގެ މާނައީ:

33:40

مَّا كَانَ مُحَمَّدٌ أَبَآ أَحَدٖ مِّن رِّجَالِكُمۡ وَلَٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَۗ وَكَانَ ٱللَّهُ بِكُلِّ شَيۡءٍ عَلِيمٗا ﴿40﴾

محمد ގެފާނީ ކަލޭމެން ބޮޑެތި ފިރިހެނުންކުރެ އެކެއްގެ ބައްޕަކަމުގައިވެސް ނުވެއެވެ. އަދި އެހެނެއްކަމަކު އެއީ ﷲ ގެ رسول އާއެވެ. އަދި نبي ކަން حتم ކުރެއްވިމާތް ކަލޭގެފާނެވެ. އަދި ހުރިހާއެޗެއް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.

33:41

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱذۡكُرُواْ ٱللَّهَ ذِكۡرٗا كَثِيرٗا ﴿41﴾

އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެން ﷲ އަށް ގިނަގިނައިން ذِكْر ކުރާށެވެ! ގިނަގިނައިން ކަލޭމެން ﷲ މަތިން ހަނދާންކުރާށެވެ!

33:42

وَسَبِّحُوهُ بُكۡرَةٗ وَأَصِيلًا ﴿42﴾

އަދި ހެނދުނާއި ހަވީރު އެކަލާނގެ ޙަޟްރަތަށް تَسْبِح ކިޔާށެވެ. އެކަލާނގެ ހުސްޠާހިރުވަންތަކުރާށެވެ!

33:43

هُوَ ٱلَّذِي يُصَلِّي عَلَيۡكُمۡ وَمَلَـٰٓئِكَتُهُۥ لِيُخۡرِجَكُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَكَانَ بِٱلۡمُؤۡمِنِينَ رَحِيمٗا ﴿43﴾

އަދި ކަލޭމެންގެ މައްޗަށް ރަޙުމަތްލައްވާނީ ހަމަ އެކަލާނގެއެވެ. އަދި އެކަލާނގެ މަލާއިކަތްބޭކަލުން ކަލޭމެންގެ ފާފަފުއްސެވުމަށާއި ރަޙުމަތްލެއްވުމަށް ދުޢާ ކުރައްވައެވެ. އެއީ އުރެދުމާއި ޖާހިލުކަމުގެ އަނދިރީން ކަލޭމެންނެރެ ކިޔަމަންތެރިކަމާއި ތެދުމަގުގެ އަލިކަމުގެ ތެރެއަށް ކަލޭމެންވެއްދުމަށްޓަކައެވެ. އަދި މުއުމިނުންނާއި މެދު ﷲ ވޮޑިގެންވަނީ ރަޙުމަތްލައްވާ އޯގާވަންތަ ކަލަކުކަމުގައެވެ.